އަޟްޙާ ޢީދުގެ މުނާސަބަތުގައި، ރައްޔިތުންނަށް އެންމެ މުހިންމު އިލްތިމާސަކީ މާތްﷲ ދެއްވައިފައިވާ ގިނަ ގުނަ ނިޢުމަތްތަކުގެ މަތިން އަބަދުމެ ހަނދާން ކުރުމާއި، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވީ، މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސް ވިދާޅުވި ގޮތުގައި، ބޮޑު ޢީދު ބައްދަލު ކުރަނީ، ޙައްޖުގެ މަތިވެރި އަޅުކަމާއި، ޢަރަފާތު ދުވަހުގެ އިމެއް، މިނެއް ނެތް، ރުއްސެވުމާއި ފުއްސެވުމަށް ފަހުގައެވެ.

”ކީރިތި ޤުރުއާނުގައި، އެ 10 ރެއެއްގެ މާތްކަން ގަންދެއްވައި، މާތްﷲ ހުވައިގެ ބަސްފުޅު ވަޙީ ކުރައްވައިފައިވާ ޙައްޖު މަހުގެ 10 ރޭ ނިމުމާއިއެކުގައެވެ. ބޮޑު ޢީދުގެ ފަހަށް ތަރުތީބު ވަނީ، އުފަލާއި، އެކުވެރިކަމާއި، ތަކުބީރު ތަހުލީލު ގިނަ ކުރުމުގައި މުޅި އުއްމަތް ބައިވެރިވާ، އައްޔާމުއްތަޝްރީޤުގެ ތިން ދުވަހެވެ.“ ރައީސް ވިދާޅުވިއެވެ.

ޙައްޖާއި ބޮޑު ޢީދުގެ އަޅުކަންތަކާ ޤުރުބާން ކުރުންތަކުން ޒިކުރާ އައު ކޮށްދެނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން، ﷲގެ ޚަލީލު، އަދި މުސްލިމުންތަކުންގެ މާތް ބައްޕާފުޅުގެ ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅި ގުޅިފައިވާ އިބްރަތްތެރި ދަރުސްތައް ކަމަށާއި، މިއީ ހެޔޮކަމުން ފުރިފައިވާ އިސްލާމީ މުނާސަބާއެއް ކަމަށް އެމަނިކުފާނުގެ ޚިޠާބުގައިވެއެވެ.

ނިޢުމަތްތަކުގެ މަތިން އަބަދުމެ ހަނދާން ކުރުމަށް އިލްތިމާސް ކުރައްވައި، ރައީސް މުޢިއްޒު ވަނީ، ޢީދުގެ އުފާ ފާހަގަކުރުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމަށް އިލްތިމާސް ކުރައްވައިފައެވެ.

”އިސްލާމީ އަޚްލާޤާ، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި، ފުރެއްދެ ސަޤާފަތްތައް ޢީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމެވެ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މުސްލިމު އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ޢަމަލެއް ކުރުމަށް މި އުއްމަތުގެ މާާތް ނަބިއްޔާ އިރުޝާދު ދެއްވާފައިވާކަން ފާހަގަކުރައްވައި، ރައީީސް ވަނީ، މެހެމާންދާރީ އަދާ ކުރުމާއި، ސަދަޤާތް ދިނުމާއި، ހަދިޔާ ދިނުމާއި، ހެޔޮ ދުޢާ ކޮށްދިނުމާއި، ނުތަނަވަސްކަމެއް ފިލުވައިދިނުން ފަދަ ހެޔޮ ޢަމަލުތައް ކުރުމަށް ރައްޔިތުންނަށް ބާރު އަޅުއްވައިފައެވެ.