މުސްލިމުން އުފާ ފާޅު ކުރާއިރު، އެހެން ދީންތަކުގެ އަހުލުވެރިން ކުރާ ކަންކަން ކޮޕީ ނުކުރުމަށް އަޟްޙާ އީދުގެ ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާގައި ވަނީ އީދުގެ ފާޅުކުރާއިރު އިސްލާމް ދީނުގެ އުސޫލުތަކަށް ތަބައަވާންޖެހޭ ކަމަށް ބުނެފައެވެ.
އަދި ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ފަލަސްތީނުގެ މައްސަލައަށް އަލިއަޅުވާލައްވައި، ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުން ހިމާޔަތް ކުރުމަށް މި އިސްލާމީ އުއްމަތް ނުކުޅެދިފައިވާ ކަމަށް ވެސް މިއަދު ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގައި ބުނީ، މުސްލިމުންނަކީ މާތް الله އިސްލާމްދީނުގެ ސަބަބުން އިއްޒަތްތެރިކަން ދެއްވައިފައިވާ ބައެއް ކަމަށެވެ. އެހެން ކަމުގައި ވިޔަސް މިއަދު މުސްލިމުން ވަނީ ވަރަށް ނިކަމެތިވެފައި ކަމަށާއި،އެކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ ފަލަސްތީނުގެ ރަފަހާއި ޣައްޒާއާއި އެހެނިހެން ބިންތަކަށް ޔަހޫދީން ވެރިވެގަނެފައިވާއިރު، މީސްތަކުންގެ އަދަދާއި ގުދުރަތީ ވަސީލަތްތައް ގިނަވެފައިވާ މި އުއްމަތް, ފަލަސްތީންގެ އަހުންނާއި އުހުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުން ކަމަށް އީދު ހުތުބާގައި ވަނީ ބުނެފައެވެ.
އެހެންކަމުން ހުތުބާގައި ވަނީ އިސްލާމީ އުންމަތް ބިނާކުރުމަށާއި އިލްމާއި ތައުލީމު ކުރިއެރުވުމުގައި ކުރިއަރައިދިއުމަށް މަސައްކަތް ކުރުމަށް ގޮވާލައިފައެވެ.
އަދި މާތް الله އާއި ކީރިތި ރަސޫލާގެ އަދުއްވުން, އިސްލާމް ދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށްވެސް ގޮވާލިއެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ, ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމުގެ އަހުލުވެރިންނަކީ މާތް الله އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށް ބުނެފައެވެ.
އަދި އޭރުން މާތް الله އަށް ބިރުވެތިވެ, އެކަލާނގެއަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އަންނާނެކަން ގަބޫލުކުރާ ބަޔެއްގެ މެދުގައި ފަސާދަތައް މަދުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.
