ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެ ރަށަކުން އިތުރު ޕާމިޓެއް ދޭން ޖެހޭ ގޮތަށް ނިންމައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު ޢަލީ އިހުސާން ދައުލަތު މީޑިއާ ޕީއެސްއެމަށް ވިދާޅުވީ މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި، ޤާނޫނުގެ ދަށުން ކައުންސިލްތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހުނު ނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތް ކަމަށެވެ.
އެހެންވެ މިހާރު ސަރުކާރުން މިދިޔަ މަހުގެ ތެރޭގައި ފެށި ”ކުރަނގި“ އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ފަހު އެ ސިސްޓަމްގެ އެކްސެސް ކައުންސިލްތަކަށް ދީ މައުލޫމާތު އަޕްޑޭޓް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށި ”ކުރަނގި“ އޮޕަރޭޝަން މިހާރު ދެ ރަށެއްގައި ވަނީ ހިންގައިފައެެވެ.
އެއީ ކ. ހިންމަފުއްޓާއި މާފުށީގައެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ޙައްލު ކުރުމަކީ ސަރުކާރުގެ އަމާޒެވެ.
