ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީއިން ބުނީ، އެ އުޅަނދުތައް ބިން ހިއްކާ ސަރަހައްދުން ނަގަން އަންގާފައިވަނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން ކަމަށް ވެސް ބުންޏެވެ.
އެޗްޑީސީއިން ވަނީ ކަނޑު އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު ދައްކުވައިދޭ ޗާޓެއްވެސް އާންމުކޮށްފައެެވެ.

ބިން ހިއްކާ ސަރަހައްދު ފާހަގަވާގޮތަށް އެ ކޯޕަރޭޝަނުން ވަނީ އެ ސަރަހައްދުގައި ރަތްކުލައިގެ ސިލްޓް ސްކްރީންއެއް އަޅާފައެވެ.
ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑު އުޅަނދުތައް 23 ޖޫން 2024 ވާ އާދީއްތަ ދުވަހުގެ 00:00 ގެ ކުރިން ނެގުމަށްވެސް އެޗްޑީސީއިން އަންގާފައެވެ. އަދި އެ މުއްދަތުގެ ފަހުން އެއްވެސް އުޅަނދެއް އެ ސަރަހައްދުގައި އެޅުމަކީ މަނާކަމެއްކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
