ށ.ކަނޑިތީމުގައި އަޟްޙާ ޢީދުގެ ފޯރިގަދަ ހަރަކާތްތައް ނިންމައިލުމަށް، މަސް ރޭހެއް ބާއްވައިފިއެވެ.

Ads by Asuru

މިއީ ”ނިލަމެހި މަސްރޭސް 1445″ގެ ނަމުގައި ބޭއްވި ވަރަށް ފޯރި ގަދަ މަސް ރޭހެކެވެ. 12 ޓީމެއް ބައިވެރިވި މި މަސް ރޭސް، 2018 ވަނަ އަހަރުން ފެށިގެން، ކަނޑިތީމުގައި ކުރިއަށް ގެންދެއެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން

ކޮންމެ އަހަރަކު ވެސް، މި މުބާރާތް ނިންމައިލަނީ، މުޅި ރަށުގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން ބާއްވާ ފިހުނު މަހާއި، ބޮނޑިބަތުގެ ޖާފަތަކުންނެވެ.

މި އަހަރުގެ މަސް ރޭސް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައިރު، މަސް ރޭހުގައި ބައިވެރިވި ޓީމުތަކުން މަހަށް ފުރީ، އިއްޔެ ހެނދުނު 7:00ގައެވެ. މަސް ދޯނިތައް އެނބުރި ރަށަށް އައީ މެންދުރު 2:00ގައެވެ. ގިނަ ޒުވާނުންނާއި މަސްވެރިން ވެސް ބައިވެރިވި މި މުބާރާތުގައި 430 ކިލޯގެ މަސް ބޭނިއެވެ.

ނިލަމެހި މަސްރޭހުގެ ތެރެއިން

މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދީ ”ފޮނިޔަ“ ޓީމެވެ. އެ ޓީމުން، 235 ކިލޯގެ މަސް ބޭނިއެވެ. ފޮނިޔަ ޓީމަކީ، މަސް ރޭހުގައި އެންމެ ގިނަ މަސް ބޭނި ޓީމެވެ.

ނިލަމެހި މަސް ރޭހުގެ ތެރެއިން

48 ކިލޯގެ މަސް ބޭނި ”ވާނުވާ“ ޓީމަށް ދެވަނަ ލިބުނުއިރު، މުބާރާތުގެ ތިން ވަނަ ލިބުނީ 33 ކިލޯގެ މަސް ބޭނި އައުޓްކާސްޓްއަށެވެ. އެއީ މުބާރާތުގެ އެންމެ ބަރު މަސް ބޭނި ޓީމު ވެސްމެއެވެ.

ނިލަމެހި މަސް ރޭސް އިންތިޒާމު ކުރުމުގައި އެންމެ އިސްކޮށް އުޅުނު އަހުމަދު ސާލިމް ބުނީ، މިއީ ޢީދުގެ މަޖަލާއި، އުފަލުގެ ތެރެއިން، އެކުވެރިކަމާއި އެއްބައިވަންތަކަން ފެނިގެންދާ ހަރަކާތެއް ކަމަށެވެ. އަދި މަސް ރޭހަށް ފަހުގައި ބާއްވާ، މަސް ފިހުމުގެ ހަރަކާތް ކުރިއަށް ގެންދަނީ، ރަށުގެ ކުދި ބޮޑު އެންމެން ބައިވެރިވާ ހަރަކާތެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.

”ނިލަމެހި“ މަސް ރޭހަށް ކަނޑިތީމު ރައްޔިތުންގެ ފަރާތުން، ހޫނު ތަރުހީބެއް ލިބޭ ކަމަށް ވެސް ސާލިމް ބުންޏެވެ.