އިއްޔެ ރާއްޖޭގެ ފަޅު ރަށަކުން ފެނުނު ސޯމާލިއާ މީހުންނަކީ ބެހިގެން، ހާލުގައި ޖެހުނު ބައެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އިއްޔެ ފެނުނު 3 މީހުންނަކީ، ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން، ރާއްޖެއަށް އާދެވުނު ބައެއްކަން، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އަދި އެ މީހުން ނ.ހޮޅުދޫއަށް ގެންގޮސް، އެ ރަށު ކައުންސިލުގެ އެހީތެރިކަމާއިއެކު، ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ނ. އަތޮޅު ވަވަތިއަށް އިއްޔެގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވަނީ ސޯމާލިއާގެ ތިން ފިރިހެނުންނެވެ.
ފުލުހުން އާއްމު ކުރި ފޮޓޯއިން ފެނިގެންދަނީ ސޯމާލިއާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ތިން ފިރިހެނަކު ވަވަތީގައި ހުރި ބެންޗެއްގައި އިށީނދެ ތިބޭ މަންޒަރެވެ.
