ސަރުކާރުގެ ވާދަވެރިން ނުވަތަ ފާޑު ކިޔާ ފަރާތްތަކުން މިހާރު ހަމައެކަނި ކުރައްވާ ކަމަކީ ދޮގު ހެދުން ކަމަށާއި، އިތުރު އެހެން ކަމެއް ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ޕީއެންސީގެ ރަސްމީ ހަރުގެ ”ހައުސް އޮފް ޕީއެންސީ“ މިރޭ ހުޅުވައިދެއްވައި، އެމަނިކުފާނު ވިދާޅުވީ، އެކި އެކި ޒަރީއާތަކުން، އުފައްދައިގެން، ބުހުތާނު ދޮގުތައް ފަތުރަމުންދާ ކަމަށެވެ.

ރައީީސް ވަނީ، ޕީއެންސީގެ ހަރުގޭގެ ޕޯޑިއަމްގެ ބޭނުންކޮށްގެން، އިދިކޮޅުން ފަރާތްތަކުން ފަތުރަމުންދާ އެއްވެސް އަސާސެއް ނެތް ވާހަކަތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް، ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފައެވެ.

“ އެ ދޮގުތައް ހާމަކޮށްދިނުމަށްޓަކާ، މި ދެންނެވި ގޮތަށް، ތެދު ހަގީގަތުން އެ ދޮގުތައް ހާމަކޮށްދިނުމުގެ މަސައްކަތް މިތާ ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމެއް ތިބޭފުޅުންގެ ކިބައިން.“ ރައީސް ވިދާޅުވިއެވެ.

ވާދަވެރިން ކުރައްވާ ކަމަކީ ދޮގު ހެދުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، ރަޖިސްޓްރީ ނުކޮށް، އޮންލައިން ނޫހުގެ ގޮތުގައި ހިންގާ ބައެއް ވެބްސައިޓުތަކުން އަންނަނީ ސަރުކާރާ ގުޅުވައިގެން ތަފާތު ވާހަކަތައް ފަތުރަމުންނެވެ.