ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.
މިއީ މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެމެރިކާގެ ސަރުކަރާއި، އދ.ގެ އިސްވެރިންނާއި ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިނިސްޓަރު މަޝްވަރާ ކުރައްވާނެއެވެ.
ޒަމީރުގެ މި ދަތުރުފުޅުގައި ވޮޝިންޓަން ޑީސީއަށް ފުރަތަމަ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެޑްމިނިސްޓްރޭޓާ ސަމަންތާ ޕަވާގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ އިންޓަރެކްޓިވް ޑިސްކަޝަނެއްގައި ވަޒީރު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ވޮޝިންޓަންގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރައްވާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
