ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި ދެގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

Ads by Asuru

މި މަޝްވަރާތައް ކުރިޔަށްދިޔައީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވޮންގ ވެންޓައޮ އާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ.

15 ވަރލް އިކޮނޮމިކް ފޯރަމްގެ ހަވާސާގައި، ޗައިނާގެ ޑާލިޔަން ޕްރޮވިންސްގެ ޑާލިޔަން ކޮންގްރެސް ހޯލްގައި ބޭއްވެވި މި ބައްދަލުވުމަކީ، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންގ ޕިންއާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ވިޔަފާރިއާ އިގުތިސާދާއި ގުޅުން ހުރި މަޝްވަރާތަކުގައި ހުށަހެޅިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޗައިނާއާ ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުކުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ފުރިހަމަ ކުރުމަށާއި، ރާއްޖެއާ ޗައިނާއާ ދެމެދު ފަސޭހައިން ވިޔަފާރި ކުރެވޭނެ ގޮތަށް ކަރަންސީ ސެޓްލްމެންޓް ނިޒާމެއް ގާއިމުކުރުމަށް މަޝްވަރާ ކުރައްވާފައި ވެއެވެ.