ސަރުކާރުން ފައިސާ ޗާޕު ކުރިކަމަށް ދޭހަވާ މޭރުމަކުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ރައްދު ދެއްވައިފިއެވެ.

Ads by Asuru

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މި ސަރުކާރުން ފައިސާ ޗާޕްކުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ’އެޑްވާންސެސް ޓު ދަ ގަވަމެންޓް‘ އަށް އުޅެނީ 14.7 ބިލިއަން ރުފިޔާ ކަމަށާއި އެއީ އެމްއެމްއޭއިން ބޮރޯ ކުރި ފައިސާ ކަމަށެވެ.

”މިގޮތަށް ނަގައިފި ކަމަށް ވަންޏާ އެއީ ހަމަ ފައިސާ ޗާޕު ކުރުން. އެއް ނަތީޖާއެއް އެއީ. ފައިސާ ޗާޕު ނުކުރަމޭ ވިދާޅުވެގެން ދައުލަތް ހިންގާ ގޮތަކީ އެއީ. އިގްތިސޯދީ ނަތީޖާއަކީ އެއީ ފައިސާ ޗާޕުކުރުން. އެމްއެމްއޭއަކުން ސަރުކާރުން ލޯނު ނަގައިގެން މިގޮތަށް ސަރުކާރެއް ނުހިންގޭނެ. އެއީ ގޯހެއް،“ ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކައާއި ގުޅިގެން، ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި އަޒާން ވަނީ ރައީސް ޔާމީންއަށް އޭނާ ވަރަށް ބޮޑަށް އިހްތިރާމް ކުރެއްވި ކަމުގައި ވިޔަސް، ފައިސާ ޗާޕު ކުރުމާ ގުޅޭ  ވާހަކަތަކަކީ ހަގީގަތާއި ޚިލާފު ވާހަކަ ތަކެއް ކަމަށް ވިދާޅުވެފައެވެ.

”ރައީސް މުޢިއްޒުގެ ސަރުކާރުން ފައިސާ ޗާޕެއް ނުކުރޭ. މިއީ ހަމަ ކޮންމެ ބޭފުޅަކަށްވެސް ހަމަ ބަލާލެވޭނެ. އެމްއެމްއޭގެ ވެބްސައިޓުން ކޮންމެ މަހަކުވެސް އާއްމު ކުރާނެ، ސްޓޭޓްމަންޓް އޮފް ފިސްކަލް ޕޮސިޝަން ކިޔާ ޕޭޕަރ އެއް. އޭގައި ހުންނާނެ މި މައުލޫމާތު ވަރަށް ތަފްސީލްކޮށް.“ އަޒާން ވިދާޅުވިއެވެ.

އެޑްވާންސް ޓު ދަ ގަވަރމަންޓް ނަމުގައި ސަރުކާރަށް ފައިސާ ދޫކުރި ކަމަށް ޔާމީން ވިދާޅުވެފައި ވާއިރު، 1 ޖަނަވަރީ މަހުން ފެށިގެން އެމްއެމްއޭއިން އާއްމު ކުރާ ތަފާސް ހިސާބު ތަކުގައި އެނަމުގައި އެއްވެސް ސެކްޝަނެއް ނުހިމެނޭ ކަމަށް އަޒާން ވިދާޅުވިއެވެ.

ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ގެ ދަށުންވެސް ކޮންމެވެސް ވަރަކަށް، 271 މިލިއަން ރުފިޔާ ސަރުކާރަށް ބޭނުން ނަމަ ނެގޭނެ ކަމަށާ، އެހެން ނަމަވެސް، އެވަރަށްވެސް މި ސަރުކާރުން ފައިސާ ނަގާފައި ނުވާ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ.