އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން، މި އަހަރަށް ބަޖެޓު ފާސްކޮށްދީފައިވާ ގޮތުން ސަރުކާރަށް މި އަހަރު ”ހިރި ވެސް ނުލެވޭނެ“ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

Ads by Asuru

19 ވަނަ މަޖިލީހުގެ ފަހު ދައުރު ނިމެން އުޅެނިކޮށް، ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ކޮންގްރެސް ޕާޓީ) އާއި ގުޅިވަޑައިގެންނެވި ނިހާދު ވިދާޅުވީ، ސަރުކާރެއް ހިންގެނީ، މަޖިލީހުން އެ އަހަރަކަށް ފާސް ކޮށްދޭ ބަޖެޓެއްގެ މައްޗަށް ބިނާކޮށް ކަމަށާއި، މި އަހަރުގެ ބަޖެޓު ފާސްކޮށްފައި އޮތްގޮތުން، މި އަހަރު ސަރުކާރަށް މަޝްރޫއުއެއް ކުރިއަށް ގެންދެވެން ވެސް ނެތް ކަމުގައެވެ. ނަމަވެސް، ސަރުކާރުން މަސައްކަތް ކުރަނީ، ގޮންޖެހުންތަކާއެކުގައި ވެސް، ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

”އެއްވެސް ޕްރޮޖެކްޓެއް، ނޫނީ ޕްރޮޖެކްޓެއް ހިންގި ފަރާތަކަށް ފައިސާއެއް ދެވޭނެ ގޮތަކަށް ނޫން ބަޖެޓު މިހާރު ފާސްކޮށްފައި އޮތީ.“ އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ބަޖެޓު ފާސްކޮށްފައި ވަނީ މުޅި ސަރުކާރު ވެސް، މަރުތަޅު އެޅުވޭ ގޮތަށް ކަމަށެވެ.

”އެ މަޖިލީހުގައި ހުރި މެމްބަރެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑު މި ދަންނަވަނީ ހަގީގަތް. އެހެންވީމާ، މިއަދު އުނދަގޫތައް ހުރެދާނެ.“ ނިހާދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު ވެސް، އެ ސިޓީގެ ކަރަންޓު ވިޔުގަ މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، އެކަން ކުރުމުގެ ނަމުގައި، ދެ ތަނެއްގައި އިމާރާތެއް އެޅުން ފިޔަވައި، އިތުރު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

”އެ އިމާރާތް އެޅުމުގެ މަސައްކަތް ފަސް އަހަރު ވަންދެން ކުރީ، އެންމެ ކޭބަލް ކޮޅެއް ވެސް ވަޅުލާފައި ނޯންނާނެ.“ އޭނާ ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ އާ އިންޖީނުގެއެއް އަޅާ، އެ ތަނުގައި އިންޖީނުތައް ބަހައްޓާ، އާ ކޭބަލް ނެޓްވޯކެއް އަޅައިގެން ރައްޔިތުންނަށް ހިދުމަތް ދެވޭނެ ފައިސާ، ހިތަދޫގެ އިންޖީނުގެއަށް، ކުރީ ސަރުކާރުން ހޭދަކޮށްފައިވާ ކަމަށެވެ. އެ ފައިސާ ދިޔައީ ކިހިނެއްތޯ، މިއަދުގެ ރައްޔިތުން ބަލަން ނިހާދު ގޮވާލެއްވިއެވެ.

ަ