ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ހޮންކޮންގްގެ ފިޗް ރޭޓިންސް އިން ރާއްޖެ އަށް ދިން ރޭޓިން މިވަގުތު ދަށްކުރިނަމަވެސް ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާގެ ދަށުން، ރާއްޖޭގެ ރޭޓިން މަތިވެދާނެ ކަމަށް ފިޗުން ފާހަގަކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި މިހެން ބުނެފައި ވަނީ ފިޗުން ރާއްޖެ އަށް ދިން ”ބީ ނެގެޓިވް“ ރޭޓިން ”ސީސީސީ ޕްލަސް“ އަށް ދަށްކުރުމާ ގުޅިގެންނެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައި މިވަނީ ތިން އަހަރު ރާއްޖޭގެ ރޭޓިން އެއްވަރެއްގައި ހިފެހެއްޓުމަށްފަހުއެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބުތަކުގެ ތެރޭގައި ދަރަނި ދައްކަން ދަތިކަން ހުރުން ހިމެނެއެވެ. ފިޗުން ނެރެފައިވާ ބަޔާނެއް ބުނެފައިވަނީ ރާއްޖެއަށް ދަރަނި ދެއްކުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

އަންނަ އަހަރު ދަރަނީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި 15 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަންޖެހޭ ކަމަށް ވެސް ފިޗުން ބުނެއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރުން އަޅަން ނިންމާފައިވަނީ ރަނގަޅު ފިޔަވަޅުތަކެއްކަމަށް ވެސް ފިޗުން ފާހަގަކުރެއެވެ.

ރާއްޖޭގެ ރޭޓިން ދަށްކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި ނަމަވެސް، މި ސަރުކާރުން ފަށާފައިވާ މާލީ އިސްލާހީ އެޖެންޑާ އާއިއެކުގައި ރޭޓިން މަތިވުމުގެ ފުރުސަތު އޮތްކަން ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން، ހަރަދުތައް ކުޑަކޮށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ރާވައިފައެވެ.

މިގޮތުން ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށް މި ފަހުން ބޭއްވެވި ކެބިނެޓު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.

ދިވެހިރާއްޖެ އަށް ފުރަތަމަ ކްރެޑިޓް ރޭޓިންއެއް ދިނީ، ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިންވެސްޓާސް ސާވިސް އިންނެވެ.

2016 ވަނަ އަހަރުގި މޫޑީސް އިން ރާއްޖެ އަށް ދީފައި ވަނީ ”ބީ2“ ރޭޓިން އެކެވެ. ފިޗުން ރާއްޖޭގެ އިގްތިސާދު ރޭޓު ކުރަން ފެށީ 2017 ވަނަ އަހަރުގައެވެ.