ޖަލުގައި ތިބޭ ގައިދީން ނުވަތަ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދަން އެހީތެރިކަންދޭ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންތަކެއް ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by Asuru

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޖަލުން ތަކުރާރުކޮށް ފޯނުތައް ފެނި، މަސްތުވާތަކެތި ފެންނަމުންދާ މައްސަލައާއި ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާާއެކީ ހާއްސަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ.

މީގެ 3 މަހެއްހާ ދުވަސްކުރިން ފުލުހުންގެ އިންޓެލިޖެންސުން ވަނީ، ޖަލުގެ އޮފިސަރުން ބައިވެރިވެގެން ގޮޅިތަކަށް މަސްތުވާ ތަކެއްޗާއި އަދި ފޯނުތައް ވައްދަމުންދާ ކަމަށް ޝައްކުކުރެވޭ ކަމުގެ މައުލޫމާތު ހިއްސާ ކުރައްވާފައި ކަމަށް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ އަލީގައި އިއްޔެ ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ތަހުޤީގެއް ހިންގި ކަމަށާއި މިރޭ ޖަލުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި އޮޕަރޭޝަނުގެ ތެރެއިން، މިހާތަނަށް އަށް އޮފިސަރަކު ވަނީ ހައްޔަރު ކޮށްފައެވެ.

މިނިސްޓަރު އިހުސާން ވަނީ ރައީސް މުއިއްޒުގެ އަމުރުފުޅަށް ދިވެހި ފުލުހުންނާއި ކަރެކްޝަން ސާވިސްގެ އިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަނާއި ވަކިވަކިން ބައްދަލުކޮށް ފައިސާއަށްޓަކައި ޔުނީފޯމް ވިއްކާ ނުލުމަށާއި އެފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ސަރުކާރުގައި ޔުނީފޯމް އެޅި އެއްވެސް އޮފިސަރަކު އެބައެއްގެ ޤާނޫނު ތަންފީޒުކުރުމުގެ ޒިންމާގެ ތެރޭގައި ފައިސާ ނަގައި، ފައިސާއަށްޓަކައި އެމީހާގެ ޔުނީފޯމް ވިއްކާލައި މިފަދަ އަމަލެއް ހިންގައިފިނަމަ އެ އަމަލެއް އެއްވެސް ވަރަކަށް ޓޮލަރޭޓް ނުކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ކަރެކްޝަނަލް ސާވިސްގެ ބައެއް މުވައްޒަފުން ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ވައްދަން އެހީތެރިކަން ފޯރުކޮށްދޭ ކަމުގެ މައުލޫމާތު ލިބުމާއި އެކީ އިންތެލިޖެންސް ބޭނުން ކޮށްގެން ހޯދި ހޯދުންތަކުން އެކަން އެނގިފައިވާ ކަމަށެވެ.

އެގޮތުން ޝަރީފް ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން ކަރެކްޝަނަސްގެ 18 މުވައްޒަކު އެކަން ކުރަމުން އަންނަކަން ފާހަގަ ވެފައިވާ ކަމަށާއި އެ މުވައްޒަފުންގެ އެކައުންޓްތަކަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.

”ބައެއް މުވައްޒަފުންގެ އެކައުންޓަށް 24 މިލިއަނުން ފައިސާ ޖަމާވެފައި އެބަހުރި. އަޅުގަނޑުމެން މިހާ ހިސާބަށް ބެލި ބެލުމުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ މި 18 މުވައްޒަފުންގެ އެކައުންޓުން ގާތްގަނޑަކަށް 73 މިލިއަން 6 ލައްކަ ރުފިޔާ އެކި ފަހަރު މަތިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާ ހިސާބަށް ޖަމާވެފަ ހުރިކަން ފާހަގަ ކުރެވިފައިވޭ“ ޝަރީފް ވިދާޅުވިއެވެ.

މިކަން އިތުރަށް ބެލިބެލުމުން އެ ފައިސާ އެމުވައްޒަފުންނަށް ޖަމާވެފައިވަނީ ޖަލުގައި މިހާރު ތިބި ގައިދީންނާއި ކުރިން ވެސް ހައްޔަރުގައި ތިބި މީހުންނާއި މާލޭގެ ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ މީހުންގެ އެކައުންޓްތަކުން ކަން ފާހަގަވެފައިވާ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.