ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެއްޗާއި ފޯނުތައް ވައްދައިދޭ ކަރެކްޝަންސްގެ މުވައްޒަފުން ހައްޔަރު ކުރުމަށް ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 13 މުވައްޒަފަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Asuru
ފުލުހުން މައުލޫމާތުދިން ގޮތުގައި، އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ ކ.މާފުށިންނެވެ. އަދި ކާށިދޫން ދެ މީހަކު ވަނީ ހައްޔަރުކުރިއިރު، އުތީމުންނާއި މާލެ އިންވެސް އެކަކު ހައްޔަރުކޮށްފައިވެއެވެ.

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުން އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެން ޖަލުތަކަށް މަސްތުވާތަކެތި ވައްދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ކަމަށެވެ.

އެގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ކަރެކްޝަނުގެ 18 އޮފިސަރުންގެ ބައިވެރިވުން މިކަމުގައި ހިމެނޭކަން ފާހަގަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ މުވައްޒަފުންގެ އެކައުންޓުތަކަށް، 2023 ވަނަ އަހަރުން ފެށިގެން، އެކި ފަހަރުމަތިން 73 މިލިއަން ހަ ލައްކަ ރުފިޔާ ވަނީ ވަދެފައެވެ.