ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނަށް ފާޑު ފާޑުގެ މީހުން ސިހުރު ހެދި ކަމަށް ކުރީގެ ޗީފް އޮފް ސްޓާފް، އަހުމަދު މުސްތަފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

މުސްތަފާ މިކަން ހާމަކުރެއްވީ، ރައީސް ޔާމީންގެ ވެރިކަމުގައި މުލީއާގެއިން ފެނުނު ސިހުރެއް ކަމަށް ބެލެވޭ ލިޔުންތަކެއްގެ ފޮޓޯ ހިއްސާ ކުރައްވައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޔާމީނަށް ސިހުރު ހެދުމަށް މިސްކިތެއްގެ ތެރޭގައި އިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ ވެސް ހިއްސާ ކުރައްވައި، އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ވަރަށް ފާޑުފާޑުގެ މީހުން ސިހުރު ހެދި ކަމަށެވެ.

އެއީ އެމަނިކުފާނުގެ ލޯބި ހާސިލު ކުރުމަށް ނުވަތަ ސިޔާސީ ގޮތުން އެމަނިކުފާނާ ގާތްވާން ކުރި ކަންކަމަށް ވެދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

”ފަނާކޮށްލާންވެސް ވެދާނެއެވެ. މިއީ މުލީއާގެ މައިދޮރު އަޑިން އަޅުގަނޑު ނެގި ސިހުރެކެވެ.“ އޭނާ ވިދާޅުވިއެވެ.

މުސްތަފާ އިތުރަށް ވިދާޅުވީ، ރައީސުންގެ ފާރަވެރީންގެ ގޮތުގައި ތިބުމަކީ ޒާތެއްގެ ކަމެއް ކަމަށާއި، ވަރަށް ތެދުވެރި، ކެރޭ މީހަކަށް ވާން ވާނެ ކަމަށެވެ.

މިފަދަ މައުލޫމާތެއް މުސްތަފާ ހާމަ ކުރެއްވިއިރު، ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝަމްނާޒް އަލީ ސަލީމް، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ސިހުރު ހެދި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ޝަމްނާޒް ވަނީ މަގާމުން ވެސް ވަކި ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޝަމްނާޒް ވަނީ ސިހުރު ހެދި ކަމަށް އިއުތިރާފު ވެސް ވެފައެވެ. މި މައްސަލައިގައި، ޝަމްނާޒްގެ އިތުރުން، ދެ މީހަކު ހައްޔަރު ކުރިއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.