ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީގެ ދޮޅު އަހަރުގެ ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިނުކޮށްދީ އެކަމަށް ހުރަސްއެޅި ކަމަށް ފަތުރާފައިވާ ހަބަރުތައް ފުލުހުން ދޮގު ކޮށްފިއެވެ.

Ads by Asuru

ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް އަބަދުވެސް އުސޫލުތަކުގައި ވާގޮތަށް ޔަގީން ކޮށްދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމަގުން މިކަންވެސް ހަމަޖެހިފައިވާނެކަން އަންގާފައިވާނެ ކަމަށެވެ.

ޝަމްނާޒްގެ ތުއްތު ކުއްޖާއަށް ގާތުން ދިނުމުގެ ފުރުސަތު ނުދޭ ކަމަށް ރިޕޯޓު ކުރީ ”އަދަދު“ ނޫހުންނެވެ.

އެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޝަމްނާޒު ބަންދުގައި ހުރި ނަމަވެސް ދަރިފުޅަށް ގާތުން ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ކޯޓުގައި އަދި ޕޮލިސް ސްޓޭޝަނަށް ގޮސް ވެސް އެދުނުކަމަށެވެ. ނަމަވެސް ދަރިފުޅަށް ގާތުން ދިނުމުގެ ފުރުސަތެއް ޝަމްނާޒަށް ދީފައިނުވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް މި ތުހުމަތުތައް، ފުލުހުން ވަނީ ދޮގު ކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ޝަމްނާޒުގެ އިތުރުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މި ތިން މީހުން ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.