ފްރީޑައިވިންގ އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) އާ ގުޅިގެން އުރީދޫއިން ފްރީޑައިވިން ސޭފްޓީ ސެޝަން ބާއްވަން ނިންމައިފިއެވެ.

Ads by Asuru

މިސެޝަން ގެނެސްދެނީ 13 ފަހަރު ވޯލްޑް ރެކޯޑް ފްރީޑައިވަރު މާޓިން ސްޓެޕަނެކް އާއި ދުނިޔޭގެ މަޝްހޫރު ފްރީ ޑައިވިން އިންސްޓްރަކްޓަރު އެރޯލް ޕުޓިގްނާއެވެ.

”ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން“ ގެ ނަމުގައި ކުރިއަށް ގެންދާ މި މުހިންމު ސެޝަންގެ މަގްސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުން ކަމަށް އުރީދޫން ބުނެއެވެ.

މި ސެޝަން އޮންނާނީ 3 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައެވެ.

މި ސެޝަންގައި އިސްކޮށް ހަރަކާތްތެރިވާނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ އެމެރިކާގެ ފުރަތަމަ އަދި ހަމައެކަނި ރެކްރިއޭޝަނަލް ފްރީޑައިވިން އެޑިއުކޭޝަން އެޖެންސީއެވެ.

މާޓިން ސްޓެޕަނެކް:

މާޓިން ސްޓެޕަނެކް އަކީ 13 ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެއްގެ އިތުރުން މިކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނާފައެވެ. މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ މި ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝަރގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމް:

ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައި އުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ.

އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގައި މުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. މި ފްރީޑައިވިން ސޭފްޓީ ސެޝަނަކީ، އަޅުގަނޑުމެންގެ ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމަޢަށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުޤުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އެފްއައިއައިއާ ގުޅިގެން ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ރާއްޖެއަށް ގެނައުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް.“

އެފްއައިއައިގެ ފައުންޑަރ މާޓިން ސްޓެޕަނެކް ވިދާޅުވީ ފްރީޑައިވިންއަކީ ހަމައެކަނި ޖިސްމާނީ އަދި ނަފްސާނީ ހަރުދަނާކަމެއް ނޫން ކަމަށާއި ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވަރަށް ރީތި އަދި ޗެލެންޖިން ކުޅިވަރެއް ކަމަށެވެ.

”މި ހަރަކާތުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ، ދިވެހި ފްރީޑައިވިންގ ކޮމިއުނިޓީއަށް ރައްކާތެރިކަމާއި ޔަޤީންކަމާއެކު ޑައިވްކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރަށް ތަނަވަސްކޮށްދިނުން. އުރީދޫ މޯލްޑިވްސް އިން އަޅުގަނޑުމެންނަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންގެ ވިސްނުން ތައް ހިއްސާކޮށް، މިރީތި ރާއްޖޭގައި ސޭފް ފްރީޑައިވިން ޕްރެކްޓިސްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި.“

ore.do/freedive މި ސެޝަނަށް ހިލޭ ރަޖިސްޓްރީ ކުރުމަށް މި ލިންކަށް ވަންނާށެވެ.