ޝަރީއަތް ނިމެންދެން ޖަލުގައި ހުއްޓާ ނިޔާވި ށ.ފުނަދޫ، ޒަމާނީވިލާ، މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި އަނިޔާތަކުގެ ނިޝާންތަކެއް ހުރި ނަމަވެސް މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އޭނާއަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ދީފައިވާ ކަމުގެ އެއްވެސް އަލާމާތެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Asuru

ޖަމީލު ނިޔާވި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ހޯމް މިނިސްޓްރީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަރެކްޝަންސް ގުޅިގެން އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ ޖަމީލަށް ޖިސްމާނީ އަނިޔާއެއް ވެފައި ނެތް ކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

”އާންމުވެގެން އުޅޭ ފޮޓޯތަކުން ފެންނަ ނުވަތަ ތަހުގީގަށް ފާހަގަކުރެވިފައި ހުރި ނިޝާންތަކަކީ އެއްވެސް ފަރާތެއްގެ ގޯނާއަކުން ލިބިފައި ހުރި ނިޝާންތަކެއް ނޫން،“ ސާމިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއީ މަރުވުމަށް ފަހު ހަށިގަނޑަށް އައިސް ހުންނަ ބަދަލުތަކާ އެކު އަންނަ ތަފާތުކަމެއް ކަމަށެވެ.

”މެޑިކަލް ޓާމްސް އިން ދަންނަވާ ނަމަ ބޮޑީ ޑިސްކަލަރޭޝަން، އާންމުވި ފޮޓޯތަކުން ފެންނަ ފަދައިން ބުރަކަށީގައި އެންމެ ބޮޑަށް އެހުރީ ޑިސްކަލަރޭޝަން. ދެންހުރި ނިޝާންތަކަކީ ސަޖިދައިގައި އެ ޕޯސްގައި އޮންނައިރު ގުނަވަންތައް އެޖެހިފައި ހުންނަ ތަންތަން އެ ޕްރެޝާއިން އައިސް ހުރި ޗޭންޖެސް.“ ސާމިހު ވިދާޅުވިއެވެ.

ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން، އޭނާގެ އާއިލާއިން ގަބޫލު ނުވުމުން، ހަށިގަނޑު ވަޅުލާފައި ވަނީ، ރޭ ފަތިސް ނަމާދުގެ ފަހުންނެވެ.