ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރަށްވުރެ ރަނގަޅުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން ވަރަށް މުހިންމު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ފެށުނުއިރު, ރާއްޖެ އޮތީ އިގުތިސާދީ ގޮތުން ވަރަށް ބޮޑު ނުރައްކަލެެއްގައި ކަމަށާއި، އެހެންނަމަވެސް ސަލާމަތުން މި ހިސާބަށް އާދެވުނީ ރައީސްގެ ހިކުމަތްތެރި ފިޔަވަޅުތަކާއެކު ކަމަށެވެ.

“އެތެރެއާއި ބޭރުގެ ދަރަނި އެތައް މިލިއަން ދައްކަވައިފި. ރައީސްގެ ފިޔަވަޅުތަކަށް ރައްޔިތުން އެހީވުން ވަރަށް މުހިންމު.“ ޝަހީމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަން ފެށުނު ފަހުން ފައިސާ ޗާޕުކުރުން ހުއްޓާލައި, މިއަދާ ހަމައަށް އައީ ބޮޑެތި އިންޓްރެސްޓް ރޭޓުތަކުގައި އެއްވެސް ލޯނެއް ނުނަގައި ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.