ދިވެހި ދައުލަތުގެ ޚަރަދުތައް ކުޑަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމެވި ހަރުދަނާ ނިންމެވުމަކީ ދިވެހީންގެ މާދަމާއަށްޓަކައި ނިންމެވި ވަރަށް ހިތްވަރުގަދަ، ޙިކުމަތްތެރި ނިންމެވުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ރައީސް މުއިއްޒު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، އެ ނިންމެވުންތަކުގެ ހެޔޮ ނަތީޖާ ލަހެއްނުވެ ދިވެހީން ދެކޭނެ ކަމަށެވެ.

އަދި މާދަމާގެ ދިވެހީންގެ ރާއްޖެ ވެގެންދާނީ ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ރާއްޖެއަކަށް ކަމަށް ވެސް ވިދާޅުވިއެވެ.

”ޝުކުރިއްޔާ ދިވެހީންގެ ރައީސް ޑރ.މުޢިއްޒު“ މިނިސްޓަރު ވިދާޅުވިއެވެ.

ރައީީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ފައިސާ ޗާޕު ކުރުން ހުއްޓާލެއްވިއިރު، ދައުލަތުގެ ހަރަދު ކުޑަކޮށް، އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ގިނަ ކަންތައްތައް ކުރުމަށް ވަނީ ރާއްވަވައިފައެވެ.

ކުރީ ސަރުކާރުން ނެގި ގިނަ އަދަދެއްގެ ލޯނުގެ ބުރައާއިއެކުގައި، ކަންކަން ހަމައަކަށް އެޅުވުމަކީ ގޮންޖެހުން ބޮޑު ކަމަކަށް ވިޔަސް، ސަރުކާރުގެ އިގްތިސާދީ އެޖެންޑާ ކާމިޔާބުވުމުގެ އުއްމީދު ބޮޑު ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.

ރައީީސް މުއިއްޒު މި މަހުގެ 27 ވަނަ ދުވަހު ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިބި މީހުންގެ އަދަދު މަދު ކުރުމާއި، އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވާ މިނިވަން ދުވަހުގެ ހަރަކާތްތައް މަދު ކުރުން ވެސް ހިމެނެއެވެ.

”މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި.“ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.