ރައީސް ޑރ. މުހައްމަދު މުއިއްޒާ ގާތްވުމަށް ސްޓޭޓް މިނިސްޓަރަކު ސިހުރު ހެދި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އެމަނިކުފާނު ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

ބައެއް މީޑިއާތަކުގައި ރިޕޯޓު ކޮށްފައި ވަނީ އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ސަލީމް ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ރައީސް މުއިއްޒު ކަމަށެވެ.

މިކަން ދޮގު ކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާއި އަދި އެމަނިކުފާނުގެ އާއިލާއިން ވެސް އެފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

”ހ. މެލްބަން، ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އިތުރު 2 މީހަކު ބައިވެރިވެގެން ސިހުރު ހަދާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ތަހުގީގު ކުރާ މައްސަލަ އާއި ގުޅިގެން ދަންނަވަމެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާއިން މިފަދަ އެއްވެސް މައްސަލައެއް އެއްވެސް ފަރާތަކާއިމެދު ފުލުހުންގެ އިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ،“ ހީނާ ވިދާޅުވިއެވެ.

މި މައްސަލައިގައި، ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް، ދޮގު ވާހަކަ ފަތުރަމުންދާކަން ވެސް ހީނާ ފާހަގަކުރެއްވިއެވެ.

އެކަމާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

އެގޮތުން ޝަމްނާޒްގެ މައްސަލަ އަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިޔާ އާއި އެމަނިކުފާނުގެ އާއިލާއިން ހުށަހަޅައިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް އާންމު މީޑިއާ އާއި ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކަކީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ.