މަސްވެރިންނަށް ދޭން ޖެހޭ 53 މިލިއަން ރުފިޔާ ޖަމާކޮށްދީފިއެވެ.

Ads by Asuru

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓެޑް (މިފްކޯ) އިން އިއްޔެ ބުނީ މިދިޔަ މަހުގެ 27 ނުވަތަ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮޑިވެރިންނަށް ދައްކަންޖެހޭ 53 މިލިއަން ރުފިޔާ ޖަމާވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އެއްވެސް ފައިސާއެއް ނުދައްކާ ނެތް ކަމަށް ވަނީ ބުނެފައެވެ.

މިފްކޯއަށް ކިރާ މަހަށް މީގެ ފަހުން، ދެ ހަފްތާ ތެރޭގައި ފައިސާ ދޫ ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ، މިފްކޯ ހިންގުން ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރި ކަމުގެ ސިނާއަތުގެ ކަންކަން ކުރުމަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިން ބާނާ މަހަށް ފައިސާ ލިބޭނެ ކަމަށާއި މަސް ގަންނަމުން ދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށް ކަމަށް ވިދާޅުވިއެވެ.

މިފްކޯގެ މާލީ ހާލަތާއި ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، މިފްކޯގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތައާއި ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށެވެ.