ފޮރިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބައެއް އިދާރާތަކުގެ ނަމަށް ބަދަލު ގެނެސްފިއެވެ.

Ads by Asuru

މި ބަދަލު ގެނެސްފައި ވަނީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތަކަށް ބަދަލު ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން ގެނައި ބަދަލުތަކުގެ ތެރޭގައި ”އދ ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަން“ ގެ ނަން ”ދިވެހި ރާއްޖެއިން އދ. އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން“ ގެ ނަމަށް އަދި ”ދިވެހިރާއްޖެ އިން އދ އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސް“ ގެ ނަން ”ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން“ ގެ ނަމަށް ބަދަލުކޮށްފައިވެއެވެ.

މީގެ އިތުރުން ”ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަން“ ގެ ނަން ”ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަން“ ގެ ނަމަށް ބަދަލުކޮށްފައިވެއެވެ.

ހަމަ އެހެންމެ ފޮރިން އެފެއާޒްގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް އިނގިރޭ ސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައި، އެ ލިސްޓް ވެސް އާންމުކޮށްފައިވެއެވެ.