މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،015،529 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

Ads by Asuru

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1،015،529 ފަތުރުވެރިންނެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު %9.2 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 929،607 އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ.

އެގޮތުން އެ ގައުމުން 120،726 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާ އިންނެވެ. އެ ގައުމުން ރާއްޖެއަށް 105،068 ފަތުރުވެރިން އައިސްފައިވެއެވެ.

އަދި ތިންވަނައިގައި އޮތް އިނގެރޭސިވިލާތުން 93،291 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މިދިޔަ މަހު އެކަނި ވެސް ރާއްޖެ އަށް ވަނީ 120،262 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖޭގެ 175 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވެއެވެ. އަދި 14 ހޮޓަލެއް އޮޕަރޭޓް ކުރަމުން ދެއެވެ.