ހަރަދުތައް ކުޑަކުރަން ދަތުރުތަކާއި މުބާރާތްތައް ނުބޭއްވުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން އަންގަވައިފިއެވެ.

Ads by Asuru

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޮއިކުރައްވާ ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ، ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މިވަގުތު އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް އަރައިގަތުމަށާއި، ދައުލަތުގެ ހަރަދުތައް ކުޑަ ކުުރުމަށް ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައިވާ ކަަމަށެވެ.

އެހެންކަމުން ކައުންސިލްތަކުން ހާއްސަ އިސްކަމެެއް ދެއްވުމަށް ދަންނަވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.

އެގޮތުން މިވަގުތު ކޮންމެހެން ކުރައްވަން ޖެހޭ ހަަރަދުތައްް ނޫނީ ނުކުރެއްވުމަށާއި ކޮންމެެހެން ކުރައްވަން ޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެހެން އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި، އެއްވެސް ހަލްފާއެއް ނުވަތަ ކުޅިވަރުގެ މުބާރާތެއް މި ދުވަސްވަރު ނުބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގަވާފައި ވެއެވެ.

އަދި ސަރުކާރުގެ ވުޒާރާތަކާ ބައްދަލުކުރެއްވުމަށް މި ދުވަސްވަރު މާލެ ވަޑައިގަތުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުން ހިއްޕަވައި، އޮންލައިންކޮށް ބައްދަލުވުންތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދެެއްވުމަށް އިލްތިމާސް ކުރައްވައިފައިވެއެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މި ހާލަތުގައި ހަރަދު ކުޑަ ކުރުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން މި ދަނޑިވަޅުގައި މިނިވަން ދުވަސް ފަދަ މުނާސަބަތުތައް ކުލަ ގަދަކޮށް ފާހަގަ ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ. މިނިވަންދުވަހުގެ ފުޅަނދުބުރު ހަރަކާތް ކުރިއަށް ނުގެންދެވުމަށާއި، ސިޔާސީ މަގާމުތައް މަދު ކުރުމަށް ވެސް އެމަނިކުފާނު ނިންމަވާފައިވެއެވެ.