ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

Ads by Asuru

އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން މަތީ ތައުލީމަށް ހުޅުވާލީ ޓްރާންސްޕޯމް ޕްރޮޖެކްޓްގެ ދަށުން 6 ކޯހަކަށެވެ.

އެއީ ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓުން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ހުޅުވާލި ކޯސްތަކެކެވެ.

ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ މެންދުުރު 12:00ގެ ކުރިއެވެ.

ހުޅުވާލި ކޯސްތަކުގެ ތެރޭގައި މެރިން ސައިންސްގެ ދާއިރާއިން މާސްޓާސް ޑިގްރީގެ ކޯހަކާއި،އެކުއާކަލްޗާގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ ދެ ކޯހާއި، މެރިން ސައިންސް / މެރިން ބަޔޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ ދެ ކޯސް އަދި ވެޓެރިނަރީ ސައިންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީގެ ކޯހެއް ހިމެނެއެވެ.

ފެންވަރު ނުވަތަ ޝަރުތުތަކުގެ ތެރޭގައި ބެޗްލާސް ޑިގްރީ ކޯހަށް ހުށަހަޅާ ނަމަ ޖީސީއީ އޯލެވެލްގެ ފަސް މާއްދާއިން ”ސީ“ އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާންވުން، އަދި ޖީސީއީ އޭލެވެލް ހަދާފައިވާނަމަ ތިން މާއްދާއިން ”ސީ“ އިން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ފޯނާއި ގުޅާލުމުން ލިބޭނެ ކަމަށްވެސް އެ މިނިސްޓްރިގެ އިއުލާނުގައި ވެއެވެ.