މަދަރުސީ ދައުރުން ފެށިގެން ހަކުރުބަލީގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީ ހޭލުންތެރިކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކަމަނާ މިހެން ވިދާޅުވީ ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ 24 ވަނަ އަހަރީ ދުވަހުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ހަކުރުބަލީގެ ހާލަތު ރާއްޖޭގައި އޮތް ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އެގޮތުން މިއީ، ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭން ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ އެއް ބަލިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޮންމެ ދިހަ މީހަކުން އެކަކީ ހަކުރުބަލީގެ ޓައިޕް 2 ތަހައްމަލު ކުރަމުންދާ ފަރާތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި ހަކުރު ބަލީގެ ޝިކާރަކަށް ވިޔަ ނުދިނުމަށްޓަކައި ކުރެވިދާނެ ތިން ކަމެއް ފާހަގަކުރެއްވިއެވެ.

އެ ތިން ކަމަކީ، ކޮންމެ މީހަކީ މި ބައްޔާމެދު އަމިއްލައަށް މަޢުލޫމާތު ހޯދާ މީހަކަށްވުމާ، ލިބޭ މަޢުލޫމާތާ އެއްގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކޮށް އިސްލާހުކުރުމާ، ހަކުރުބަލި ތަހައްމަލުކުރަން ޖެހިފައިވާނަމަ ފަރުވާހޯދައި، އަމިއްލަ ހަށިގަނޑަށް ފަރުވާތެރިކަމާއި ސަމާލުކަންދިނުމެވެ.

މުޅި ރާއްޖޭގައި ހަކުރު ބައްޔަށް ސްކްރީން ކުރުމަށް ކުރިޔަށްގެންދިޔަ ޕްރޮގްރާމުން ލިބިފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފާސް ހިސާބުތަކުގެ ފޮތް މި ޙަފްލާގައި ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.