ހުޅުމާލެ ފިތުރޯނު މަގު، ފެރީ ޓާމިނަލް ޕާކު ކައިރީގައި ތަރައްގީކޮށްފައިވާ ފިތުރޯނު ސްމާޓް ޕާކިން ޒޯނުން ޖާގަ ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާނު ކޮށްފިއެވެ.

Ads by Asuru
އެޗްޑީސީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ބީލަމުގެ އުސޫލުން ޕާކިން ޖާގަ ކުއްޔަށް ދޫކުރާ އެ ޒޯނުން ތިން އަހަރު ދުވަހުގެ މުއްދަތަށް ޖުމުލަ 11 ޕާކިން ޖާގަ ކުއްޔަށް ދޭން ނިންމާފައިވާ ކަމަށެވެ.
ޕާކިން ޖާގައިގެ ދިގުމިނަކީ 4.8 މީޓަރެވެ. ފުޅާމިނަކީ ދެ މީޓަރެވެ.

އެޗްޑީސީ އިން ބުނީ، ބީލަން ފޯމު ބަލައިގަންނާނީ 25 ޖުލައިގެ މެންދުރުފަހު 1:00 އިން 2:00 އާ ދެމެދު ކަމަށެވެ. ފޯމު ހުޅުވުން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރުފަހު 2:30ގައެވެ.

ބީލަމުގެ ހުރިހާ މަރުހަލާތައް ވެސް ކުރިއަށްގެންދާނީ އެޗުޑީސީ ބިލްޑިންގައި ހުންނަ އެގްޒިބިޝަން ސެންޓަރުގައި ކަމަށްވެސް ބުންޏެވެ.

ބީލަން ފެށޭ އަގަކީ 1،500 ރުފިޔާއެވެ. ކުލީގެ މުއްދަތަކީ 3 އަހަރު ދުވަހެވެ. ޕާކިން ޖާގަ އިހުތިޔާރު ކުރުމުގެ ފުރުސަތު ދޭނީ އެންމެ މަތީން ބީލަން ހުށަހަޅާ މީހުންގެ ތަރުތީބުން ކަމަށް އެޗްޑީސީން ބުނެއެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކަކީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން، ބީލަމަށް ހުށަހަޅާ މީހާގެ ނަމުގައި މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދެއް އޮންނަ މީހަކަށް ވުން، ފިތުރޯނު ސްމާޓް ޕާކިން އިން ޖާގައެއް ކުއްޔަށް ނަގާފައިވާ މީހަކަށް ނުވުން، އަދި އެޗްޑިސީ އަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ މީހަކަށް ނުވުމެވެ.

ބީލަން ފޯމު ހުށަހެޅުމާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން އަދި ހޮޓްލައިން ނަންބަރު 1516އަށް ގުޅައިގެން ހޯދޭނެއެވެ.