ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަށް ަރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ހައުސް އޮފް ޕީއެންސީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި ރާވާލައިގެން މާލޭގެ އެކި ދާއިރާތަކުގެ ގޭބިސީތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލަތު ބައްލަވާނެ ކަމަށެވެ.
ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް، ގޭގެއަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ.
ރައީސް ވިދާޅުވީ މިކަން ކުރިއަށް ގެންދަވާނީ އެ މަނިކުފާނުގެ ރަސްމީ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.
”އެހެންވީމާ މާ ލަސްތަކެއް ނުވެ ވަރަށް އަވަހަށް ތާވަލެއްގެ ތެރެއިން ހަމަ މާލޭގެ ހުރިހާ ދާއިރާތަަކަށް ހަފުތާއަކު ދާއިރާއަކަށް ގެތަކަށް އަޅުގަނޑު ދާން ފަށާނަން،“ ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި އެއް ވާހަކަފުޅަކީ، ވެރިކަން ލިބިވަޑައިގެންފިނަމަ، ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދަވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅެވެ.
އެމަނިކުފާނު ވަނީ، ކުރު މުއްދަތެއްގެ ތެރޭގައިވރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވެސް ވަޑައިގެން، އެ ރަށްރަށުގެ ކައުންސިލުތަކާ، ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފައެވެ.
