އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އަސްލު ސިފައަކީ އޮޅުވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފައިސާ ނުދޭ ކަމަށް ބުނެ ރައްޔިތުންގރ މިއަދުގެ ޖަލްސާއަށް އެމްޑީޕީއިން ކުއްލި މައްސަލައެއް ހުށަހެޅުމުންނެވެ

އެމްޑީޕީން މިފަދަ ކުއްލި މައްސަލައެއް ހުށަހެޅުއްވިއިރު، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް އިއްޔެއާއި ހަމައަށް 12 މިލިއަން ރުފިޔާއަށް ވާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ބާކީހުރި ފައިސާކޮޅު މިއަދު އެބަ ދޭ. އެހެންމަ މިތަނަށް ނާޗަރަންގީ ކުޅެން ނޫން ކޮންކަމަކުތޯ މިއުޅެނީ ކުއްލި މައްސަލަތައް ގެނެސްގެން.“ ޝުޖާއު ވިދާޅުވިއެވެ.

ދިރާސާ ނުކޮށް ކުއްލި މައްސަލަތައް މަޖިލީހަށް ހުށަހެޅުމުން އިނގެނީ އެމްޑީޕީގެ މެމްބަރުންނަށް ގައުމުގެ ހާލަތު ވަޒަންކުރަން ކުރަން ނޭނގޭ މިންވަރު ކަމަށާއި، ވާދަވެރި ސިޔާސީ ފަރާތްތަކުގެ ޒިންމާއަކީ ހަމައެކަނި މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.