ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 93 ޕަސެންޓް ނިންމާލައިފިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނީ، މަޝްރޫއުގެ ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އަދި ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތުގެ 55 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25,500 ކިއުބިކް މީޓަރުގެ ސަރަހައްދުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 5,433 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 658 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 173 މީޓަރުގެ ބޭރުތޮށި ލުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1,810 އަކަ މީޓަރުގެ ބަނދަރު ޕޭވްކުރުމާއި، 2 ރޭމްޕެއް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުން ވެސް ހިމެނެއެވެ. މި މަޝްރޫޢަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.