ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފްގެ ޖަލްސާއެއް ބުރާސްފަތި ދުވަހު ބާއްވަން ނިންމައިފިއެވެ.
ޕީއެންއެފް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ޕާޓީގެ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ 8:45ގައި ފްރަންޓު އޮފީގުގައި އޮންނާނެ ކަމަށެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވާނެ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
މާދަމާ ރޭ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ކޮންގްރެސް ޕާޓީ)ގެ ވަރަށް ފޯރިގަދަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެ ޕާޓީން ވެސް ވަނީ ހާމަކޮށްފައެވެ.
އެ ޖަލްސާ އޮންނާނީ، ހައުސް އޮފް ޕީއެންސީގައި، މާދަމާ ރޭ، 8:30ގައެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ، އެ ޕާޓީން ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ބައެއް ކޮމިޝަންތައް އުވާލައްވައި، ބައެއް ކޮމިޝަންތަކުގެ މެމްބަރުންގެ އަދަދު މަދު ކުރައްވާނެ ކަމަށާއި، ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާމެދު، ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

