ޗައިނާ ސަރުކާރުން ކ.ހިންމަފުއްޓަށް 165 ސޯލާ މަގުބައްތި ހަދިޔާ ކޮށްފިއެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ފަދަ އެހީއެއް ޗައިނާ ސަރުކާރުން ދެއްވުމަކީ ދެމެއްޓެނިވި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ބަދަހިވަމުންދާކަން ހާމަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި ރަސްމިއްޔާތުގެ ތައްޔާރީތަކުގެ ފުރިހަމަކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ހިންމަފުށި ކައުންސިލަށާއި، ރައްޔިތުންނަށް ވެސް ޝުކުރު އަދާ ކުރައްވައިފައެވެ.
ޗައިނާ ސަރުކާރުން މި ދިން އެހީ އަކީ އެ ޤައުމުގެ ޔުނާން ޕްރޮވިންސްއިން ދިން ހަދިޔާއެކެވެ.
ޗައިނާގެ ސަފީރު ވާންގް ލިޒިން ވިދާޅުވީ ކުދި އާބާދީތަކުގެ ކުރިއެރުމަށް ބޭނުންވާ، ޒަމާނީ ވަސީލަތްތަކާއި އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާއިން އަބަދުވެސް އެއްބާރުލުން ދެމުންދާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހި ވެފައިވާއިރު، އެމަނިކުފާނު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅެއް ކުރެއްވީ ވެސް ޗައިނާއަށެވެ.

