ދިވެހިރާއްޖެއިން މިވަގުތު އެންމެ ބޭނުންވާ ކަންކަމަށް ޗައިނާ ސަރުކާރުގެ ފަރާތުން އެހީތެރިވެދެއްވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިން ވިދާޅުވެއްޖެއެވެ.

Ads by Asuru

އެކަމަނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތަށްފަހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި، އެއްބަސްވެވަޑައިގެންފައިވާ ކަންކަން ތަންފީޒުކޮށް ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށް ކުރެއްވެންހުރި ކަންކަމާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޮޅުންފިލުއްވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޗައިނާ އާދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަމަނާ ވަނީ ޗައިނާގެ ރައީސް ރާއްޖެއާމެދު ބަހައްޓަވާ ޚާއްޞަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވާރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޗައިނާ ސަފީރުވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް އެއްބާރުލުންދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އިސްވެރިންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ޤައުމު ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ.

ި