އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވެރިކަމުގައި، ގައުމުގެ މަސްލަހަތަށްވުރެ ބޮޑަށް އިސް ކުރީ، ވެރިންގެ އަމިއްލަ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
”ދެން“އަށް ދެއްވި އިންޓަރވިޔުއެއްގައި، ކުރީގެ ނޫސްވެރިޔާ އަޒާން ވަނީ، އެމްޑީޕީގެ ވެރިކަމުގައި، ބޭރުގެ ގައުމުތަކަށް ރާއްޖޭގެ ކަންކަމާ ބެހުމުގެ ފުރުސަތު ދިންކަން ފާހަގަކުރައްވައި، މިހާރުގެ ސަރުކާރުން އެގޮތަށް އަމަލު ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ައަޒާން ވިދާޅުވީ، ވެރިކަމުގެ ހުވާ ކުރައްވައި، އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ވެސް، ގައުމުތަކަށް ހުރަސް ނުކުރެވޭނެ ރަތް ރޮނގެއްގެ ވާހަކަ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށެވެ.
އެ ރޮނގު ހުރަސް ނުކުރާ ކަމުގައިވާނަމަ، ކޮންމެ ގައުމަކާ އެކުގައި ވެސް ރާއްޖެއިން ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި، މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ކުރިއަށް ދަނީ އެގޮތުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވީ އިންޑިއާގެ މީޑިއާތަކުން، އެންމެ ފުރަތަމަ ރައީސް މުއިއްޒު ސިފަ ކުރެއްވެވީ، ޗައިނާއާ ގާތް ގުޅުމެއް ބާއްވަވާ ވެރިއެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވި ދުވަސްވަރު ”ޕްރޯ ޗައިނާ“ ރައީސްއެއްގެ ގޮތުގައި، އިންޑިއާގެ މީޑިއާތަކުން ސިފަ ކުރި ކަމުގައި ވިޔަސް، ފަހުން އެކަން ބަދަލުވެ، ރާއްޖެ އާ އިންޑިއާގެ ގުޅުން ބަދަހިވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޒާން ވިދާޅުވި ގޮތުގައި، މައްސަލަ އަކީ އިންޑިއާއެއް ނޫނެވެ. މައްސަލަ އަކީ، ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުން، ޤައުމުގެ ދާހިލީ ކަންކަމާ ބެހުމުގެ ފުރުސަތު އެހެން ގައުމަކަށް ދިނުމެވެ.
”އަޅުގަނޑުމެންނަށް ފެނުނީ، އެމްޑީޕީގެ ވެރިކަމުގައި، ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށްވުރެ، ވެރިކަމުގައި ތިއްބެވި ބައެއްގެ އަމިއްލަ މަސްލަހަތު އިސް ކުރައްވާ، ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލް ސެކްރިފައިޒް ކުރެއްވިތަން އެބޭފުޅުންގެ އަމިއްލަ މަސްލަހަތު ކުރިއަރުވަން. އެހެންވީމަ، އެއީ އަސްލު މައްސަލަ އަކީ.“ އޭނާ ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވި ގޮތުގައި، ބޭރުގެ ގައުމުތަކަށް، ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދޭނަމަ، އެ ގައުމުތަކުން އަމިއްލަ މަސްލަހަތު އިސްކޮށް، ރާއްޖޭގެ ކަންކަމަށް ވަންނާނެއެވެ. އެހެންކަމުން، އެއީ ދެވިގެންވާނެ ފުރުސަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

