ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ މީހަކީ ގައުމަށް އަގުހުރި ދަރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވެފައި ވަނީ ދުނިޔޭގެ އާބާދީ ދުވަހާއި ގުޅިގެން ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ޤައުމަށް އަގުހުރި ދަރިއެއް ކަމަށެވެ. އަދި އެއިން ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއް ކަމުގައި ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި އަލަށް އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމާއި ގުޅޭގޮތުން ގައުމީ ފެންވަރުގައި މަޝްވަރާ ކުރަންޖެހޭކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް މިދިޔަ ޖޫން މަހުގައި ވަނީ ވިދާޅުވެފައެވެ.
މިއީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކަށް މި މައްސަލަ ކުރިމަތިވެފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމުތަކުން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، ގައުމުތަކުން އަލަށް އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުންގެންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

