ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އޭރުގެ އެމްޑީޕީގެ ސަރުކާރުން، އެއްވެސް މާލީ ހިސާބެއް އާ ސަރުކާރާ ހިއްސާ ކޮށްފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގަތުމަށްފަހުގައި، އެމަނިކުފާނު މަގާމުގެ ހުވާ ކުރެއްވުމާ ދެމެދު ހޭދަވި ދެ މަސް ދުވަސް ތެރޭގައި، ގައުމުގެ ހާލަތު އޮތްގޮތް ދެނެގަނެވުނީސް ކަމަށް ވިދާޅުވެ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)ގެ ލީޑަރު، ކުރީގެ ރައީީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަފުޅު ދެއްކެވީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ކަމަށެވެ.
ވެރިކަމަށް އިންތިހާބުވެވަޑައިގެންނެވި ގޮތަށް، ރައީސް ޔާމީންއަށް މަގާމުގެ ހުވާ ކުރެއްވުނު ކަމުގައި ވިޔަސް، ރައީސް މުއިއްޒު ހުވާ ކުރެއްވުމާމެދު ދެ މަސް ހޭދަވީއިރު، އެމަނިކުފާނުގެ އިންތިހާބީ ސަރުކާރަށް އެއްވެސް ކުންފުންޏެއް ނުވަތަ ވުޒާރާއެއްގެ މާލީ ހާލަތު، އިންތިގާލީ މަރުހަލާގެ ތެރޭގައި ލިބިވަޑައިގެންފައި ނުވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ، ވެރިކަން ލިބިވަޑައިގަތުމަށް ފަހުގައި، ރައީސް މުއިއްޒު އާއި ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން، އޭރުގެ އިންތިގާލީ އޮފީސް ގާއިމުކޮށްފައިވާ ރައީސްގެ ގެކޮޅު، މ.ދިމްޔާތުގައި ކުރެއްވީ ކީއްތޯ ސުވާލު އުފައްދަވައި، ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް މިރޭ ރައްދު ދެއްވައިފައެވެ.
”2013 ވަނަ އަހަރުގެ ވެރިކަން، ރައީީސް ޔާމީނަށް ލިބިވަޑައިގެންނެވި ދުވަހު ނޫން އަނެއް ދުވަހު، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވައިފި. އެހެންވީމާ، އޭގެ މާނަ އަކީ ޓްރާންސިޝަން މަރުހަލާއެއް އެމަނިކުފާނަކަށް ނެތޭ. އަޅުގަނޑުމެންގެ މިނިސްޓަރު އަލީ އާރިފު އެބައިންނެވި. ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މިކަން ހިނގައިދިޔަ ގޮތް. “ ޝުޖާއު ވިދާޅުވިއެވެ.
”ރައީީސް ޔާމީން، ރައްޔިތުންނަށް އޮޅުވާލުމަށް މި ދަންނަވަނީ، ކަލޭމެން ކީއްވެހޭ ދިމްޔާތުގައި މައްލަވަކޮށް، މަޖާކޮށް ހެދީ. ކަލޭމެން ދެ މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޓްރާންސިޝަން މަރުހަލާގެ ތެރޭގައި، ކަލޭމެންނަށް އެނގެން ޖެހޭނެ ނޫންހޭ، ގައުމު އޮތް ހާލަތު. ގައުމު ދަރާފަ އޮތްވަރު. ފައިސާ ހުރި މިންވަރު، މާލީ ހިސާބުތައް ހުރި ގޮތް. ކަލޭމެން ހަމަ ދިމްޔާތުގައި ސައި ބޮއެގެން، ދުފައިގެން ތިބީ ނޫންހެއްޔޭ؟“ ޝުޖާއު އިތުރަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޓްރާންސިޝަން ކޮމިޓީތަކަށް، ރައީސް މުއިއްޒު ބޭފުޅުން އައްޔަނު ކުރެއްވީ އެބޭފުޅުންގެ ސީވީއަށް ބެއްލެވުމަށް ފަހުގައި ކަމަށެވެ.
އަދި އޭރު ވެސް ވަރަށް ސީރިއަސް މަސައްކަތެއް ދިމްޔާތުގައި ކުރަމުން ދިޔައިރު، ކުރިމަތިވި ”ދުއްޕާނަކީ“ އެމްޑީޕީން މާލީ ހިސާބުތައް ސިއްރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

