އައްޑޫގައި ބަންދުކޮށްފައިވާ ޝަންގްރިއްލާ ރިސޯޓު މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ، ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުންނެވެ.

ފައިސަލް ވިދާޅުވީ އައްޑޫގެ ޓޫރިޒަމަށް ރައީސް މުއިއްޒު ހާއްސަ އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ދާދިފަހުން ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި މި އަހަރުގެ ޑިސެމްބަރު މަހު އައްޑޫ އަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ދާންވާ އިރަށް، ޝަންގްރިއްލާ އާއި އައްޑޫގެ ޓޫރިޒަމްގެ ކަންތައްތަކެއް ނިމިފައި ހުރުން އެއީ، އެމަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ކަމަށް.“ ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވީ މިދިޔަ ހަފުތާގައި ރާއްޖޭގައި ތިބި ޝަންގްރިއްލާ މެނޭޖްމެންޓުގެ އިސްވެރިންނާ މަޝްވަރާކުރެވުނު ކަމަށެވެ.

އަދި ރިސޯޓު އަލުން ހުޅުވުމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގައި އެކަމަށް ޚައްސަ ޓާސްކްފޯސްއެއް މިހާރު އެކުލަވާލާފައިވާ ކަމަށާއި  ޝަންގްރިއްލާގެ ވެރިންނާ ދަތުރުކޮށްގެން ބައްދަލުކުރަން ޖެހުުނު ނަމަވެސް އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ފައިސަލް ވަނީ ވިދާޅުވެފައެވެ.