ޔަހޫދީން އެންމެ އަށް ދުވަސް ތެރޭގައި ޣައްޒާގެ ފަސް ސްކޫލަކަށް ހަމަލާ ދީފިއެވެ.

ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި، އެ ސްކޫލްތަކުގައި ހިމާޔަތް ހޯދައިގެން ތިބި މީހުންނަށް އަމާޒުކޮށް ޔަހޫދީން ދީފައިވާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެ، ޒަހަމް ވިއެވެ.

ސްކޫލްތަކަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، އެންމެ ފަހުގެ ހަމަލާ އަމާޒުވީ، ނުސެއިރަތު ރެފިއުޖީ ކޭމްޕުގައި ހުރި އދގެ ސްކޫލަކަށެވެ. މި ހަމަލާގައި 17 މީހަކު ޝަހީދު ކޮށްލާފައިވާއިރު، 80އެއްހައި މީހުން ޒަޚަމް ވިއެވެ.

ޚާން ޔޫނިސްގައި ހުންނަ އަލް އައުދާ ސްކޫލަށް، މި މަހުގެ 09 ވަނަ ދުވަހު ޔަހޫދީން ދީފައިވާ ހަމަލާގައި 29 މީހުން ޝަހީދުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނައްތާލުމަށް ކަމަށް ބުނެ، ޣައްޒާއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދެމުން އަންނަ ހަމަލާތަކުގައި މިސްކިތްތަކާ ސްކޫލްތައް ސުންނާފަތި ކުރަމުން ދިޔުމަކީ އާއްމު ކަމެކެވެ. މި ހާލަތުގައި ވެސް އިޒްރޭލާ ދެކޮޅަށް  ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ވަނީ ނުކުޅެދިފައެވެ.