އެމަނިކުފާނުގެ ސިޔާސަތަކީ ކީރިތި ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ހާއްސަ ހޭދައެއް ކުރުން ކަމަށާއި، ޤުރުއާން ހިތުދަސް ހާފިޒުންނަށް ދޭ އިނާޔަތް ދެ ގުނައަށް ބޮޑު ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީީސް މުއިއްޒު ވިދާޅުވީ، ކުރިން، ރާއްޖޭގައި ޤުރުއާން ހިތުދަސް މީހުން މަދު ނަމަވެސް، މިހާރު އެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ހާފިޒުންގެ އަދަދު އިތުރު ކުރުމަށްޓަކައި، އެކަމަށް ސަރުކާރުން ކުރާ ހޭދަ އިތުރު ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށެވެ.
”އެކަމަށްޓަކައި ވަސީލަތްތައް އިތުރު ކުރެވިގެންދާނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް، ދެ ގުނައަށް ބޮޑު ކުރެވިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމަށް، ޤުރުއާނަށް ހާއްސަ ހިޔާވައްސެއް ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ވާގޮތަށް، އެ ފުޅާ މިނުގައި، ޤުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދިޔުމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޅިން އާ އިމާރާތެއް އެޅުމަށްޓަކައި، ބިން ހަމަޖައްސައި، އިމާރާތް ކުރެވިގެންދާނެ ކަމަށެވެ.
ަ

