ހިލޭ ކީރިތި ޤުރުއާން ކިޔެވުމުގެ ކްލާސްތައް މުޅި ރާއްޖެއަށް ފުޅާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް މިރޭ ބޭއްވި ހަފްލާގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ދައުލަތް ހިންގަވަން، އެމަނިކުފާނު އެންމެ ބޭނުންފުޅުވެލައްވަނީ، ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށެވެ.

އެގޮތުން މާތް ވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއް ވާޖިބު ކަމަށާއި، ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ދިވެހިންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެން ދިޔުމަކީ، ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޤުރުއާނުގެ އިލްމާއި ފަންނު ކުރިއެރުވުމަށް މި ސަރުކާރުން ހަލުވި، އަދި އަވަސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.