މިސްކިތްތަކުގައި ދެ ނަމާދު ދޭތެރޭގައި ޤާރީ ކްލާސް ހިންގުމަށް މި ހަފްތާފައި ހުއްދަ ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މި ކްލާސްތަކުގައި އިމާމުންނާއި ޤުރުއާން މުދައްރިސުންނަށް ހިލޭ ސާބަހަށް ޤުރުއާން ކިޔަވައިދީ ދަސްކޮށްދީ ހެދޭނެ ކަމަށެވެ.
މިކަމަށް ޝައުޤުހުރި ފަރާތްތަކުން ފޯމު ލުމަށް މި ހަފްތާގައި ހުޅުވައިލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރު މިކަން ހާމަކުރެއްވިއިރު، ހިލޭ ކީރިތި ޤުރުއާން ކިޔެވުމުގެ ކްލާސްތައް މުޅި ރާއްޖެއަށް ފުޅާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރޭ ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރުމަށް ރޭ ބޭއްވި ހަފްލާގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ދައުލަތް ހިންގަވަން، އެމަނިކުފާނު އެންމެ ބޭނުންފުޅުވެލައްވަނީ، ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތަށް ކަމަށެވެ.
އެގޮތުން މާތް ވެގެންވާ އިސްލާމްދީނަށް ނަސްރު ދިނުމަކީ އެމަނިކުފާނު އެންމެ އިސްކަން ދެއްވާ އެއް ވާޖިބު ކަމަށާއި، ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ދިވެހިންގެ ދިރިއުޅުން އިސްލާމީ ސަގާފަތުން ޒީނަތްތެރިވެގެން ދިޔުމަކީ، ދިވެހީންނަށް އެންމެ ލާބަ ހުރި ގޮތް.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޤުރުއާނުގެ އިލްމާއި ފަންނު ކުރިއެރުވުމަށް މި ސަރުކާރުން ހަލުވި، އަދި އަވަސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

