މުސްލިމުންނަށް ފަރުޟު ކުރެއްވި ފަސް ނަމާދުގެ ވާޖިބަށް ފަރުވާތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި، ހައި އެޗީވާސް ސްކޮލަރޝިޕް ހާސިލު ކުރި ދަރިވަރުންނަށް ލިޔުން ދިނުމުގެ ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ފަރުޟު ފަސް ނަމާދަކީ ”އޮޕްޝަން“ އަކަށް ވެގެން ނުވާނެ ކަމަށެވެ.
”ވަރަށް އުނދަގޫވާނެ ކިޔެވުމުގަ، މަސައްކަތުގަ އުޅޭއިރުގަ، ވަރަށް ޑިމާންޑިން ކޯސްތަކުގަ، އެކިކުދިން އެކި ދާއިރާތަކުން ކިޔަވާނެ. އެހެންނަމަވެސް ތިމަންނައަކީ ފަޚުރުވެރި މުސްލިމެއްކަމުގެ ހަނދާން ނެތިގެން ނުވާނެ“ އެމަނިކުފާނު ވިދާޅުވިއެވެ
ފަރުޟު ފަސް ނަމާދުގެ ވާޖިބު އަދާ ކުރުމުގެ ބިންގާ ރަނގަޅަށް ގާއިމު ކުރެވިއްޖެނަމަ، މާތް ރަސްކަލާނގެ އިރާދަފުޅާއެކު ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދަރިވަރުންގެ ކާމިޔާބީގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ބެލެނިވެރިންގެ އަގު ވަޒަން ކުރުމަށް ވެސް ދަރިވަރުންގެ ކިބައިން އިލްތިމާސް ކުރައްވާފައިވެއެވެ.
”މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބެ، މައިންބަފައިންނާ ބެލެނިވެރިން ވީ ގުރުބާނީ މަތިން އަބަދުވެސް ހަނދާންކޮށް، ދިވެއްސަކަށް ވީތީ ފަހުރުވެރިވެ، މަތިވެރި ކާމިޔާބީ ހޯދުމަށް އަޒުމް ކަނޑައަޅައިގެން ކުރިއަށް ދާށޭ.“ ރައީސް ވިދާޅުވިއެވެ.

