ގްރޭޑް ހަތަރެއްގެ ދަރިވަރަަކަށް ޓިއުޝަންދޭނެ ކަމަށް ބުނެ، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި ޓީޗަރުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

Ads by Asuru

މި މައްސަލައިގަ ހައްޔަރު ކުރީ ހުޅުމާލޭ ސްކޫލެއްގެ އުމުރުން ނަވާވީސް އަހަރުގެ ދިވެހި ފިރިހެން ޓީޗަރެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިދިނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބުދަ ދުވަހުއެވެެ.

މި މައްސަލައިގަ އެމީހާ އާއި ދެކޮޅަށް ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނީ އޭނާއަށް އަނިޔާ ކުރާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޓީޗަރާއި ދެކޮޅަށް އެ މިނިސްޓްރީއަށް ޝަކުވާ ހުށަހެޅި މިމަހުގެ17  ވަނަ ދުވަހު ކަމަށެވެ. އަދި ހަމަ އެ ދުވަހު ޓީޗަރު ސަސްޕެންޑުކޮށްފައިވާނެ ކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން  ޓީޗަރު ހައްޔަރު ކުރީ އޭނާ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ އާންމުން އެ ޓީޗަރު ހިފަހައްޓައިގެން އަނިޔާ ކުރަނިކޮށެވެ. އެމީހާއަށް ފުލުހުން ފުރަތަމަ އެހީވުމަށް ފަހު އޭގެ ގަޑިއެއްހާއިރު ފަހުން ވަނީ ހައްޔަރު ކޮށްފައެވެ.