ވިދާ، ގުގުރުމުގެ މައުލޫމާތު ވަގުތުން ގެނެސްދޭ ނިޒާމެއް ރާއްޖޭގައި ފުރަމަތަ ފަހަރަށް ގާއިމުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ބުނީ ލައިޓްނިން ޑިޓެކްޝަން ސިސްޓަމް ގާއިމުކުރީ ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ކަމަށެވެ.
އެކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިން ޑިޓެކްޝަން އިކްއިޕްމެންޓް ބަހައްޓައިފައެވެ.
އެ ނިޒާމު ރާއްޖޭގެ ސަރަހައްދީ ވިއުގައާ ގުޅާލުމުން ރާއްޖެ އާއި ރާއްޖޭގެ ވަށައިގެންވާ ސަރަހައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި އެ ވިއުގަ އިތުރަށް ތަރައްގީ ކުރުމަށް ޝޯޓްރޭންޖް ލައިޓްނިން ޑިޓެކްޝަން އިކްއިޕްމެންޓް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނެ ކަމަށްވެސް އެންވަޔަރަމަންޓުން ބުންޏެވެ.

