ދިވެހި ސަރުކާރުން ގދ.ތިނަދޫގައި ގާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލު ކޮށްފިއެވެ.
ތިނަދޫ އަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އެ ސިޓީގައި ގާއިމުކުރި ފެން ހިންދާ ނިޒާމް ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކުރުމަށް މިއަދު ވަނީ ފަހުމުނާމާގައި ސޮއި ކޮށްފައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތޯރިގު އިބްރާހީމެވެ.
އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސިޓީ ކައުންސިލްގެ މޭޔަރ ސައުދު އަލީއެވެ.
ފެން ހިންދާ ނިޒާމެއް ތިނަދޫގައި ގާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރ ތޯރިގު ވަނީ ފާހަގަ ކުރައްވާފައެވެ.
މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ތޯރިގު ވިދާޅުވެފައިވަނީ ތިނަދޫ އަކީ ޒަމާނުންސުރެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަމާއި، މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ އާންމުންނާއި، ސްކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ.
އަދި އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތަށް ޗަކަވެ މީހުންނާއި ދުއްވާ އުޅަދުތަކަށް އެތަށް އުނދަގުލެއް ދިމާވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި މަޝްރޫޢުން އާއްމުންނަށް ލިބިގެންދާނެ ފަސޭހަކަތަކަށް އަލިއަޅުވާލައްވާފައެވެ.
ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ.
އަދި މި ޕްރޮޖެކްޓްގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕްރައިވެޓް ލިމިޓެޑުންނެވެ.
މި ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕވޓ ލޓޑ އާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 48,333,211.77 (ސާޅީސްއަށް މިލިއަން ތިންސަތޭކަ ތިރީސް ތިންހާސް ދުއިސައްތަ އެގާރަ ރުފިޔާ ހަތްދިހަ ހަތް ލާރި) ރުފިޔާއެވެ.
ގދ.ތިނަދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ރަށުގައި 5,262.81m މީޓަރުގެ އަކުއަ ސެލް (aqua cell) ނެޓްވޯކް އަކާއި 9,562.36m މީޓަރުގެ (HDPE) އެޗްޑީޕީއީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ޤާއިމްކޮށްފައެވެ.

