ޗައިނާގެ އެގްޒިމް ބޭންކުގެ ޗެއާމަންއާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން، މިސްޓަރ ވޫ ފުލިންއާ ބައްދަލުވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ އުފަލެއް ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފިސްކަލް އަދި އިގްތިސާދީ ހާލަތާ ގުޅޭގޮތުންނާއި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިގްތިސާދީ ރިފޯމް ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދެކެވުނުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން، އެންމެ މުހިންމު މަޝްރޫއުތަކަށް ފައިސާ ހޯދުމާއި ގުޅޭގޮތުންނާއި، ކުރިއަށް އޮތްތަނުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް އިސްކަން ދެއްވާފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މޫސާ ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ފޮރިން މިނިސްޓަރު ވަންގ ޔީއާއެކު ވަނީ ރަސްމީ ވާހަކަތައް ބާއްވަވައިފައެވެ.

މިމަޝްވަރާތަކުގައި މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސް މުއިއްޒު ޗައިނާގެ ރައީސް ޝީ ޖިންގޕިންގއަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެމަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ފޮރިން މިނިސްޓަރުގެ އަތްޕުޅަށް އަރުވާފައެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ މި މަޝްވަރާތަކުގައި، ޒަމީރު ވަނީ ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ ”ވަން ޗައިނާ ޕޮލިސީ“ ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.