ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މިހާރު ކުރިއަށްދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
އެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެންނާން އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވަށްބުރު (ރައުންޑެބައުޓްސް) ގާއިމްކޮށް ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީއެވެ.
”ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެންނެވެ.“ އެޗްޑީސީން ބުންޏެވެ.
އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ޔަގީން ކުރެއެވެ.
އެ ކޯޕަރޭޝަނުން ބުނީ، އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމުގައެވެ.

