ސައުދީ ފަންޑު މެދުވެރިކޮށް ތިން ހޮސްޕިޓަލެއް ގާއިމު ކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީީސް މުއިއްޒު ވަނީ ސިއްހީ ދާއިރާ ކުރިއަރުވައި އެ ދާއިރާގެ ފުދުންތެރިކަން އިތުރުކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.
އެގޮތުން އެއަރ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކު ރައްވާފައިވާކަން ފާހަގަކުރައްވައި އެ ހިދުމަތުގެ ފަސޭހަ ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް ހިލޭ ބޯން މެރޯ ފަރުވާ ދިނުން ކުރިއަށްދާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން މިހާތަނަށް 14 ފަރާތަކުން މި ހިދުމަތް ހޯދަމުންދާކަމުގައި ވިދާޅުވެ އޭގެތެރެއިން ތިން ފަރާތަކުން މި ފަރުވާ ފުރިހަމަ ކުރައްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުދިކުދި ލެބޯޓަރީ ޓެސްޓްތައް މިހާރު ހުރިހާ ރަށެއްގެ ސިއްހީ މަރުކަޒުތަކުން ހެދޭނެކަން ފާހަގަކުރައްވައި މި ހިދުމަތް ދިނުމަށް މި ސަރުކާރުން ’ޕޮއިންޓް އޮފް ކެއަރ“ ވަސީލަތްތައް ހުރިހާ ރަށެއްގައި ގާއިމުކުރައްވާފައިވާކަމުގައި ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ފަރުދީ މިނިވަންކަމާއި ރަށްރަށުގެ ދިރިއުޅުން ފަހިކޮށްދެއްވުމަށް ކުރައްވާ ގިނަ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. ހަ
މައެއާއެކު ސައުދީ ފަންޑު މެދުވެރިކޮށް 3 ހޮސްޕިޓަލެއް ގާއިމުކުރުމަށް ފަންޑް ކަށަވަރު ކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެއް އެޅުމަށް ހުރިހާކަމެއް ހަމަޖެހިފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މައިންނާ ކުޑަކުދިންގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ފަންޑް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ ހޮސްޕިޓަލްވެސް މި ދައުރުތެރޭގައި ބިނާކުރުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.