އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ޕީއެސްއެމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ޓިކްޓޮކުން ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށްޓަކާ ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާ ސަރުކާރުގައި ވެސް އެހީ އަށް އެދިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދާދިފަހުން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގައި ޔޫޓިއުބް އިން ވެސް ފައިސާ ލިބޭނެ ގޮތް ހެދުމާއި ގުޅޭގޮތުންނާއި ގޫގުލް ޕޭގެ ހިދުމަތާއި ގުޅޭގޮތުން ވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.
އަދި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.